އެމްޑީޕީގެ މާލެ ދާއިރާގެ ރައީސްކަން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފިއެވެ.
އާޒިމް އެމްޑީޕީއާ ގުޅިވަޑައިގަތީ ވެސް ރިޔާސީ އިންތިހާބަށް ފަހުގަ އެވެ. މީގެ ކުރިން ޖުމްހޫރީ ޕާޓީގައި ހުންނެވި އާޒިމަކީ އެމްޑީޕީގެ މި ނިމުނު ސަރުކާރުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރެވެ. އަދި ރިޔާސީ އިންތިހާބުގައި އާޒިމް ތާއީދު ކުރެއްވީ ވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ.
މި އިންތިޚާބުގައި ގަލޮޅު އުތުރު ދާއިރާއަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި އައިކް އަހުމަދު އީސާ ވާދަކޮށްފައިވާއިރު، މައްޗަން ގޯޅި އުތުރުދާއިރާއަށް ވާދަކުރީ އެމްޑީޕީގެ އެކްޓިވިސްޓު ހަދީޖާ މުހައްމަދާއި ލިރުއާމް ވަހީދެވެ.
އެމްޑީޕީގެ މާލެ ދާއިރާގެ ރައީސްގެ މަގާމް ހުސްވީ މީގެ ކުރިން އެ މަގާމުގައި ހުންނެވި މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.